ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ، ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއްކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ކަންކަން ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށެއެވެ.
އިމްރާން މިފަދައިން ވިދާޅުވެ ކުރެއްވި ޓްވީޓެއްގައިވަނީ ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރިކަމަށްބުނާ ސިޓީއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުންގެ އާ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށާއި ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވާނީ ވަޒީރު ކަމަށެވެ. އެހެންނަމަވެސް އެއީ ސީދާ ހޯމް މިނިސްޓަރު ކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.

