އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

އިންފްލުއެންޒާގެ އައުޓްބްރޭކެއް އައުމުގެ ކުރިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިންފުލެންޒާ ކޮންމެ ހަފްތާއަކު ފެންނަ މިންވަރަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަދަދު މަތިވެފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގައި ވެސް ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އިންފްލްއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރަނީ އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުން ކަމަށާއި އަދި އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު ކުދިން ވެސް އިންފްލްއެންޒާ ޖެހިގެން ރިޕޯޓް ކުރަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި އުމުރުފުރައަކީ ކޮވިޑުގައި ވެސް ފެންނަ ފަދައިން ބޭރުގައި އުޅޭ އުމުރުފުރައިގެ މީހުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ކޭސްތައް ފެނިފައިވާ ނިސްބަތަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ފެނުނު ކޭސްތައް ހުރީ އެއް މިންވަރެއްގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތުގެ ދެބައިކުޅަ އެއްބައި މީހުން ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައިން ފެނިފައިވަނީ އިންފްލްއެންޒާ ޓައިޕް އޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި އެގޮތުން، އޮކްޓޫބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ އަދަދު ވެސް ގިނަވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިމަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލުގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރު ވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ކޮވިޑް-19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑް-19ން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެގޮތުން 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަށް ފަރުވާދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުމާއި، އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައި ވެސް މާސްކް އަޅައިގެން އުޅުމާއި، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅެންޖެހޭ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމާއި، ކޮވިޑް-19 އަށް ނެގެޓިވް ވީކަމުގައި ވިޔަސް، ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ގޭގައި މަޑުކުރުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ޚާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުމާއި، ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން، އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *