ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑުން ބުނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 20 ގައި ފާހަގަކުރާ އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހާ ގުޅިގެން، މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި އިވެންޓުގެ މައިގަނޑު އެއް މަޤްޞަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކައް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ޙިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހޭނެއެވެ.
މީގެއިތުރުން މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެއެވެ.
މި އިވެންޓުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

