މިއަދު ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލުނު ކުއްޖާ ހޯދުމުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިއަދު މާލެއިން ލ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާ ފަރާތުން ދަނީ ކުރަމުންކަމަށެވެ.
މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ 17:10ގައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރު އެސަރަހައްދުގައި ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

