ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިހަފްތާގައި ފުލުހުން ހިންގި އިތުރު އޮޕަރޭޝަނެއްގައި 100 ކިލޯ ހެރޮއިން ފުލުހުން ވަނީ އަތުލައިގެންފައެވެ. 

މިފަހަރު މިއަތުލައިގަތް 215 ކިލޯ މަސްތުވާތަކެއްޗަކީ މި ފަހުގެ ތާރީހެއްގައި އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަނުގައި 215 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އިންޑިއާ އާއި އެމްއެންޑީއެފް އިން ދެއްވި އެހީއަށް ކޮމިޝަނަރު ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.

މި ހަފްތާގައި ފުލުހުން ހިންގި އޮޕަރޭޝަނުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، އެ އެއްޗެހި ގެނައުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *