އދ. ދަނގެތީގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.
މަހްމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.
މައުލޫމާތު ލިބޭގޮތުގައި މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނގެއްޗަށް ގޮސް، މިއަދު ހެނދުނު މަޙުމޫދުގެ ހަށިގަނޑު، އިތުރު ތަޙުލީލުތަކަށް މާލެ ގެނައެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަޙުމޫދޫގެ ސީޓީ ސްކޭނެއް ހެދުމަށްފަހު ހަށިގަނޑު އަނބުރާ ރަށަށް ވަނީ ފޮނުވާލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

