ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކެނެރީގެ އަށް ވަޑައިގެން އެމަނިކުފާނުގެ އާއިލާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ.
ހަމަލާގެ ކުރިން ނަޝީދު ދިރިއުޅުއްވަމުން ގެންދެވި ކެނެރީގެ އަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވީ ހަވީރުގެެ ވަގުތެއްގައެވެ. އެ ގެއަށް ވަޑައިގެން ނަޝީދު ވަނީ މައިންބަފައިންނާއި އަދި އާއިލީ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. ނަޝީދު ކެެނެރީގެ އަށް ވަޑައިގަތް ވަގުތު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފައެވެ.
ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނި ތިން ދުވަހަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ތިން ދުވަސް ފަހުން އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން ބޮން ގޮއްވާލި މީހާ ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ. އޭނާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

