ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އިސްތިއުނާފް ކުރި މައްސަލައިގެ ތެރެއިން އެ ކުންފުނިން ވަނީ މި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެދިފައެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ނެރެދީފައެއް ނުވެއެވެ.
އިސްތިއުނާފް ކުރި މައްސަލަ ނިންމައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ސްޓްރާޑާ އިން ހުށަހެޅި ނުކުތާތަކަށް ބަލާއިރު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު އެ ނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް އިސްތިއުނާފް ކުރި މައްސަލާގައި ސްޓްރާޑާ އިން ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެފަރާތުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ. މި ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސިވިލްކޯޓުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރި ހުކުމްގައި ބުނީ އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން އެ އަހަރުގެ މާޗު ހަތްވަނަ ދުވަހު ސަރުކާރުން އުވާލާފައިވާ ކަމަށާއި އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން ކަމަށެވެ.
އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ކުންފުންޏަށް ލިބިގެން ނުވާނެ ކަމަށާއި ނަމަވެސް އެއްބަސްވުން ބާތިލް ކުރުމުންވެސް އެ ބިން ސްޓްރާޑާ އިން ބޭނުންކުރަމުން ގޮސްފައިވާކަން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުމުގެ ދަށުން ޕްލޭނިން އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާ 1.1 މިލިއަން ރުފިޔާ ސްޓްރާޑާ އިން ދައްކަންޖެހޭނެ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

