"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގައި އާދީއްތަ ދުވަހުގެރޭ ނޭޕާލް ބަލިކޮށް އިންޑިއާއިން މުބާރާތުގެ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 18 ވަނަ މިނެޓުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި އިންޑިއާގެ މަންވީރް ސިންގް ހުހަށްހުރެ ބޮލުން ފޮނުވާލި ބާރު ހަމަލާ ނޭޕާލުގެ ގޯލްކީޕަރު ކިރަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި މެޗުގައި އިންޑިއާއިން ވަނީ ލީޑު ނަގާފައެވެ. ފާރޫޚް ޗޮދްރީގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެތުރީއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް އިންޑިއާ ޖެހިލިއިރު، ކުޅުނު ތިން މެޗުން އެ ޓީމަށް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ނޭޕާލް ބަލިވުމުން ރާއްޖެއަށް ވަނީ ތާވަލުގެ އެއްވަނަ ލިބިފައެވެ. ދެވަނައިގައި އޮތް ނޭޕާލާއި ރާއްޖެއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް ހޯދި ސްރީ ލަންކާއެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، އިންޑިއާ އަތުން ނޭޕާލް ބަލިވުމުން، ފަހު މެޗުގައި އިންޑިއާއާ އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެއެވެ.

