ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތައް ދެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފި

ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތައް ދެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފި

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ދެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަކު މަގާމުން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކު ވަކިކުރަން ނިންމިކަން އަންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ އޮފިސަރުންނަށް ނޯޓިސް ފޮނުއްވައިފިއެވެ.

ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައި އޮތުމުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު މިމަހުގެ 20 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކުރާނެކަން އަންގައި ނޯޓިސް ފޮނުވާފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ހަތް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ އޮސްޓްރޭލިއާގައި ހުންނެވުމުންނެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ ފުލުހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި ބައެއް އޮފިސަރުން ފުލުހުންގެ ވަޒީފާ އަދާކުރަމުން ގެންދަވާތާ ތިރީހަކަށް އަހަރު ވެއްޖެއެވެ. ރިޓަޔަރވުމަށް ފުރުސަތު ނުދީ އެބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކިކުރަނީ އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނަށް ފަހު ވަގުތު ގެނައި އިސްލާހެއްގެ ދަށުންނެވެ.

އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނަށް ފަހުވަގުތު ގެނައި އިސްލާހެއްގެ ދަށުން އެބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކިކުރަނީ ރިޓަޔަރވުމަށް ފުރުސަތެއް ނުދީއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނަކީ ވަޒީފާގައި 30ށް ވުރެ ގިނަ އަހަރު ޚިދުމަތްކޮށްފައިވާ ބޭފުޅުންނެވެ. އަލަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ފުލުހުންގެ ބޯޑުން ބެލުމަށް ފަހު އެފަދަ އޮފިސަރުން ވަކިކުރަން ޖެހޭނެ ކަމަށެވެ.

މި ގާނޫނުގައި ބުނާ ރޭންކްގެ 52 އޮފިސަރުން ފުލުހުންގެ ތެރޭގައި ތިއްބަވާއިރު، އޭގެތެރެއިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ބޯޑަށް ފެނުނީ ހަތް އޮފިސަރެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *