އިހުސާންތެރިކަން ޕްރޮމޯޓް ކުރަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވައިލައްވާފައިވަނީ ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒްނާ ވިދާޅުވީ ދިވެހިން މިހާރު ދިރިއުޅެމުންދާ ދިރިއުޅުމުގައި އުޅޭނަމަ ނަފްސާނީ ބަލިމަޑުކަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެގޮތުން އިހުސާންތެރިކަން ޕްރޮމޯޓް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑަކީ ސައިކޮލޮޖިސްޓެއް ނޫން، ޓީޗަރެއް. އެކަމަކު އިހުސާންތެރިކަން އެބަ ހުންނަންޖެހޭ ހުރިހާ މުއައްސަސާއެއްގައި، ހުރިހާ އެންމެންގެ ކިބައިގައި ވެސް. އެހެން ނޫނީއްޔާ އަދި ކޮވިޑް ކަހަލަ ބަލިމަޑުކަމެއް ނަޔަސް ނަފްސާނީ ބަލިމަޑުކަން އިތުރުވާ ވަރު ގާތްވާނެ" ފަޒްނާ ވިދާޅުވި އެވެ.
އެގޮތުން ހުރިހާ މުއައްސަސާއެއްގެ ހުރިހާ އެންމެން ވެސް މިކަމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ. ވަކިވަކި ފަރުދުން ވަކިވަކި ކަންތައްތަކެއް ކޮށްގެން މިކަން ރަނގަޅު ވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
"މިސާލަކަށް ދުވާއިރު ފައި އެކަންޏެއް ނޫން ދެއްތޯ ހަރަކާތް ކުރަނީ. ދުވަންޔާ ފަޔާއި، އަތާއި ދެން ހުރިހާ އެއްޗެއް ވެސް ކޯޑިނޭޓް ވާންޖެހޭ. ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާނަމަ އެންމެން އެބަ ކޯޑިނޭޓް ވާންޖެހޭ. އައިސީޔޫގައި ހުންނަ ނަރުހަށް ވެސް އިނގެންޖެހޭނެ ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ މީހަކު ވަނީމަ އޭނައަށް ވާހަކަދައްކަންވީ ކިހިނެތްކަން" އެކަމަނާ ވިދާޅުވި އެވެ.
މީގެއިތުރުން ސްކޫލް މާހައުލުގައި ޓީޗަރުންނާއި ކެންޓީނުގައި ތިބޭ ސްޓާފުން ވެސް ދަރިވަރުންނާއި އިހުސާންތެރިކޮށް ވާހަކަދެއްކުން މުހިއްމު ކަމަށާއި އެންމެން ގުޅިގެން ނޫނީ މިކަން ކުރިއަރައިގެންދާތަން ނުފެންނަ ކަމަށްވެސް ފަޒްނާ ވިދާޅުވި އެވެ.

