އިންޑިއާއަށް ވިސާއާ ނުލާ ދިވެހިންނަ ދަތުރުކުރެވޭ ގޮތް އަލުން ހެދުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 15 އިން ފެށިގެން ބޭސްފަރުވާ، ވިޔަފާރި އަދި އެހެނިހެން ބޭނުންތަކަށް އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ ކަމަށެވެ. ރާއްޖެ އަކީ ކޮވިޑްގެ ފިޔަވަޅުތައް އިންޑިއާގައި އެޅިފަހުން ވިސާއާ ނުލާ އެގައުމަށް ދަތުރުކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމެވެ.
ކޮވިޑާ އެކު އިންޑިއާ ބަންދުކުރި ނަމަވެސް ބޭސްފަރުވާގެ ކަންކަމުގައި އެގައުމަށް ދިއުމަށް އަންނަނީ ވިސާ ދޫކުރަމުންނެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާއިރު، އެ އަދަދަށް ވިސާ ޖަހައި ނުދެވި ވިސާ ކިއޫ ދިގުވުމުން ބައެއް ދިވެހިން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ވިސާއަށް އެދެން ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަ ޖެހެނީ އޮންލައިންކޮށް ފޯމެއް ފުރިހަމަކުރާށެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނުން މި ފޯމު ހުށަހެޅުމަށް އެދި އެޕޮއިންޓްމެންޓެއް ހައްދަން ޖެހެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ބަލައިގަންނަނީ ވަކި އަދަދެއްގެ ފޯމު ކަމަށްވާއިރު ފޯމު ހުށަނޭޅި، ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވި ގިނަ ދުވަސްތަކެއް މަޑުކުރަންޖެހިފައިވާ މީހުން ވަރަށް ގިނައެވެ.

