އައްޑޫ ޕޮލިސް އެކެޑެމީ އަންނަ އަހަރު ހުޅުވަނީ

އައްޑޫ ޕޮލިސް އެކެޑެމީ އަންނަ އަހަރު ހުޅުވަނީ

އިންޑިއާ ސަރުކާރުން އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީ ފުލުހުންގެ އަހަރީ ދުވަހު ހުޅުވުމަކީ އުއްމީދެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު އައްޑޫ އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވީ ޕޮލިސް އެކެޑެމީގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަސްތެރޭ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރާ ފަރާތުން ބުނެފައިވާ ކަމަށެވެ.

އުއްމީދަކީ އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެތަން ހުޅުވުން ކަމަށާއ އެ ތާރީހަކީ ފުލުހުންގެ އަހަރީ ދުވަސް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2012 ވަނަ އަހަރު ކަމަށްވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި ޑރ.މުހައްމަދު ޖަމީލު އެވެ.

އޭގެފަހުން މި ޕްރޮޖެކްޓަކަށް އެކި ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން މި މަރުކަޒު އެންމެ ފުރަތަމަ އަޅަން ނިންމީ ޅ.ދިއްފުށިމާދޫގައި ކަމަށްވާއިރު އޭގެފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓު ލ.އަތޮޅަށް ބަދަލުކުރުމަށް ވެސް ނިންމުނެވެ. މި ޕްރޮޖެކްޓު އައްޑޫ އަށް ބަދަލުކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ.

އުމަރު ވިދާޅުވި ގޮތުގައި އެ އެކަޑެމީ އައްޑޫ އަށް ބަދަލުކުރަން ނިންމީ ވަޒީފާގެ ފުރުސަތުތައް އެ ސިޓީގައި މަދުކަމުންނާއި އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް ކަމަށާއި މި ސަރުކާރު އައިފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *