ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ މަސަތްކައް ފަށައިފި

ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ މަސަތްކައް ފަށައިފި

ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްތައް ހޮނިހިރު ދުވަހު ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނެގުމަށް ޒުވާނުންގެ މަރުކަޒުގައި ޓްރަޔަލްތައް ފަށާފައިވާއިރު، އާދީއްތަ އާއި ހޯމަ ދުވަހުވެސް ޓްރަޔަލްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އާދީއްތަ އާއި ހޯމަ ދުވަހުގެ ޓްރަޔަލްތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން އެ ދުވަހެއްގެ ހަވީރު 15:30 އަށް އައިޑީ ކާޑު ހިފައިގެން ޒުވާނުންގެ މަރުކަޒަށް ހާޒިރުވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އެދިފައެވެ.

ވީއޭއެމުގެ ނައިބު ރައީސް އަލީ އަޝްރަފް ވިދާޅުވީ ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ޓްރަޔަލްތައް ފެށުމާއެކު، އެ ކަމަށް ވަރަށް ގިނަ ކުޅުންތެރިންގެ ތަރުހީބު ލިބިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ޓްރަޔަލުގައި އެކަނިވެސް 60 ކަށް ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށާއި، މިއިން އަންގައިދެނީ ވޮލީ ކުރިއަރަމުން އަންނަ މިންވަރު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވީ ޒުވާން ޓީމަށް ކުރިއަށް އޮތް މުބާރާތްތަކާ ހަމައަށް ދާން ރަނގަޅު ޓީމެއް އެކުލަވާލުމަށް ޓްރަޔަލްތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ދަތި އުނދަގޫ ދުވަސްތަކަކަށްފަހު ފަރިތަކުރުންތައް ފެށުމުން ލިބުނީ ހިތްހަމަޖެހުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވޮލީގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްތައް ފެށިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ވީއޭއެމުން ވަނީ ޒުވާން ގައުމީ ޓީމަށް ކޯޗުން ހޯދަން އިއުލާންކޮށްފައެވެ.

ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތް ވީއޭއެމުން ފަށާފައިވާއިރު، އަންނަ އަހަރު ގިނަ މުބާރާތްތަކެއްގައި ޒުވާން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި، އެ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *