އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާއު ވިދާޅުވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރެވެ.

ޝާހިދުގެ މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް ސޯލިހް އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ވެސް ދެއްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ އދ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ކޮށްދެއްވި ހިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.

މި ދަތުރުފުޅުގައި އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް ވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި، އޮކްޓޫބަރު 7 ވީ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ.

އަދި މިއަދު މެންދުރު، ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުން އާއިޝަތު ސުއިޒާ، ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *