އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލައިފިއެވެ.
ސަސްޕެންޝަން އުވާލާފައިވަނީ ސަސްޕެންޝަންގައި ހުންނަތާ ހަތަރު މަސްވީއިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ. މަހްލޫފް ސަސްޕެންޝަންގައި ހުންނެވީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.
މަހުލޫފަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ. އެ މައްސަލަ ދިގުލައިގެންދާތީ އަވަހަށް ނިންމައިދޭން މަހުލޫފް ވެސް މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޖުމްލަކޮށް ހަ ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތް ނިންމާ ކަމަށާއި ނަމަވެސް އޭގެ މާނައަކީ އިންސާފު ގެއްލޭ ގޮތަށް އަމަލުކުރުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ވާކަމަށް ފެންނަންޏާ ހަ ދުވަހެއް ނޫން، ހަތްދިހަ ދުވަހެއް ނޫން، ސަތޭކަ ދުވަސް ނެގިޔަސް އަޅުގަނޑުމެން އެ މައްސަލަ ނިންމާނީ އެ ހޯދަންޖެހޭ ހެއްކެތް ހޯދާފައި" ޝަމީމް ވިދާޅުވިއެވެ.
މަހުލޫފް ގެ މައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައެއް ކަމަށާއި އެހެންކަމުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރުމަށް ބާރުނާޅާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މަހުލޫފްގެ މައްސަލާގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި އެގޮތުން މަހުލޫފް އަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ހިތްހަމަޖެހޭ ވަރަށް ހެކި ލިބުމުން ކަމަށް ޕީޖީ ވިދާޅުވިއެވެ.
މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

