ސާކްގެ ސެކެޓްރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫން ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސާކްގެ ސެކެޓްރީ ޖެނެރަލް ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅަކީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ސާކްގެ ސެކެޓްރީ ޖެނެރަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރައްވާފައިވާ އަޙްމަދު ސަލީމާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ސާކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކުރީގެ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމާއި ހަވާލުވުމަށްފަހު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

