އައްޑޫ ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 233 އަށް އަރައިފިއެވެ.
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 7:50 ހާއިރު ނިޔާވެފައިވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި ނިޔާވި މީހާއަކީ ކޯވިޑް ބަލީގައި ޙާލު ބޮޑުވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީން އައްޑު ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެންދިޔަ މީހެއްކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
މިއީ އައްޑޫ ސިޓީގައި މިބަލިޖެހިން ނިޔާވި 4 ވަނަ މީހާއެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ކުޑަވަމުން އަންނައިރު ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން އެންމެފަހުން އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.
ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު ދަށަށް ދަނީ ވެކްސިންގެ ސަބަބުންކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އަދި މިކަމުގެ އިތުރު ދިރާސާތައް ކުރަންޖެހޭކަންވެސް އެއިދާރާއިން ފާހަގަކުރައްވައެވެ.

