ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން މުހިންމު މޮޅެއް ހޯދައިފި

ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން މުހިންމު މޮޅެއް ހޯދައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގައި ދުވަހުގެރޭ ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން މުހިންމު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ބިޕްލޯ އަޙްމަދު ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

އަދި މި މެޗްގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) ބަދަލުކުރަން ޖެހުނެވެ.

ފުރަތަމަ ހާފުގައި ރާއްޖެއަށް ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނީ ހުސެއިން ނިހާން (ނިހާޓް) އަށެވެ. ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހިލޭ ޖެހުމެއް ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާން ވަނީ ދިފާއުކޮށްފައެވެ.

މިރޭގެ މެޗްއިން ރާއްޖޭން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ފޮނުވާލި އޯވަހެޑް ކިކަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ރާއްޖެއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ރާއްޖެ ޖެހިލީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ބަންގްލަދޭޝް ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ލަންކާއަށް ލިބިފައިވަނީ ތިން މެޗުން އެންމެ ޕޮއިންޓެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *