ފުވައްމުލަކުގައި ކުޑަކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެކެވެ. މިކަމާ ގުޅިގެން އާއިލާއިން ތުހުމަތު ކުރަނީ ކުއްޖާގެ ހަށިގަނޑަށް ޖެހި އިންޖެކްޝަނެކެެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީއެވެ. ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް ފުވައްމުލަކުގެ ހޮސްޕިޓަލުން މަޢުލޫމާތުު ދެއެވެ.
ނަމަވެސް އާއލާއިން ތުހުމަތު ކުރާގޮތުގައި، ކުއްޖާ ކުއްލިގޮތަކަށް މަރުވެގެންދިޔައީ އިންޖެކްޝަން ޖެހިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. އިންޖެކްޝަން ޖެހިތާ ފަސްވަރަކަށް މިނިޓްތެރޭގައި ދަރިފުޅުގެ ޚަބަރުހުސްވިކަމާއި ޖެހީ ކޮން ކަހަލަ އިންޖެކްޝަނެއް ކަމެއް ވެސް ހޮސްޕިޓަލުން ސާފެއް ނުކޮށްދޭ ކަމަށް ކުއްޖާގެ ބައްޕަ ސައުދުﷲ އަހްމަދު ހާމަކުރައްވައެވެ.
ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ސައުދުﷲ ވިދާޅުވީ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު އެންމެ ފުރަތަމަ ދިޔައީ އެ ސިޓީގައި ހުންނަ ފްލޫ ކުލިނިކަށް ކަމަށެވެ. ފްލޫ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން ދެއްކުމުން ދިން ބޭސް ބޭނުންކޮށް، އެ ބޭހުން ރަނގަޅުވޭތޯ ހޮނިހިރު ދުވަހާ ހަމަޔަށް ބެލުމަށް ފަހު ސަދާގެ ހާލަތު ރަނގަޅު ނުވުމުން، އިއްޔެ ހެނދުނު އަލުން ޑޮކްޓަރަށް ދެއްކީ އެވެ. އިންޖެކްޝަން ޖެހީ ޑޮކްޓަރު އަލުން ސަދާ ބެލުމަށް ފަހު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި ފަރުވާ ކުޑަކުރުމަކީ މިހާރު ހައްދުފަހަނައަޅައިފަ އޮތް ކަމެކެވެ. ދަރިފުޅަށް އިންސާފު ބޭނުންވާ ކަމަށާއި މި ކަމުގައި ހޮސްޕިޓަލް ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ މިއަދު ހަވީރު ވަނީ އާއިލާއާ އެކު ފުވައްމުލަކު ހޮސްޕިޓަލު ދޮށަށް އެއްވެ، އިހުތިޖާޖު ވެސް ކުރައްވައިފަ އެވެ.
މިކަމާ ބެހޭގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެފައިވަނީ ހޮސްޕިޓަލުގެ އެއްވެސް ކަމެއް އުޅޭ ނަމަ އެކަން ބަލާނެ ކަމަށާއި ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ވެސް އެކަމާ ގުޅޭ ގޮތުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

