ބ. ދޮންފަނު ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް އެ ރަށު ރައްޔިތުން ނުކުމެއްޖެއެވެ.
އެރަށުން ވާހަކަދެއްކި މީހަކާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު"އިން ބުނެފައިވަނީ، ދޮންފަނު ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް ނުކުތީ ރަށުގެ ގޮނޑުދޮށް ހަލާކުވާ ގޮތަށް އެ މަސައްކަތް ކުރާތީ ކަމަށެވެ. އެހެންވެ ގިނަ އަދަދެއްގެ ބަޔަކު އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނުކުމެފައިވާކަމަށް އޭނާ ބުންޏެވެ.
ދޮންފަނު ބަނދަރުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ހޯގާޑު ޕްރައިވެޓު ލިމިޓެޑާއެވެ. އެ ކުންފުންޏާ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.
ހޯގާޑު ޕްރައިވެޓު ލިމިޓެޑް އިން ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ އިރު ރަށުގެ ގޮނޑުދޮށުން ބޮޑު ބައެއް ކަނޑާލުމުގެ ސަބަބުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރުވެސް ވަނީ ގެއްލިފައެވެ. އެހެންވެ ރަށު ކައުންސިލުން މިކަން ބެލުމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ.
ރަށަށް ގެއްލުންވާގޮތަށް މި މަސައްކަތް ނުކުރެވޭނެ ކަމަށް ދޮންފަނު ރައްޔިތުން ބުނަމުންދާ އިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަން ރަނގަޅަށް ބަލައިދިނުމަށްވެސް އެފަރާތްތަކުން ވަނީ އެދިފައެވެ.
ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ފަންޑު ކޮށްފައިވަނީ އޯޕެކްފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު (އޮފިޑު)އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުނެވެ. މި ތިން މަޝްރޫއު އަށް އޮފިޑުން 77 ޕަސެންޓު ހަރަދު ކުރާއިރު ދިވެހި ސަރުކާރުގެބަޖެޓުން 23 ޕަސެންޓު ހަރަދު ކުރާނެއެވެ.

