ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިކަން އިއުލާން ކުރެެއްވީ ރާއްޖޭގެ ޓޫރިޒަމް އަށް 50 އަހރު ފުރުމުގެ ކައުންޓް ޑައުން ފެށުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިހާރު ބާއްވަމުންދާ ރަސްމިއްޔާތުގައެވެ.
ކުރުނބާ މޯލްޑިވްސް އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ރިސޯޓެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް( 50 އަހަރު) ގުނަން ފަށާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ގޮތުގައި ފާހަގަކުރާނެ ދުވަހެއް އަދި މިހާތަނަށް ހަމަޖެހިފައި ނެތް ކަމަށެވެ.
ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް. އެއީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސް. އެހެންކަމުން އަޅުގަނޑުމެން މިނިންމަނީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަސް އާދެ، ކުރުބާ ވިލެޖުގެ ނަމުގައި މި ރިސޯޓު ހުޅުވުނު ދުވަސް 03 އޮކްޓޫބަރު ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.
މި ފެށުނު ރަންޔޫބިލް އަހަރާއިއެކު ރާއްޖޭގެ އިގްތިސޯދަށް ކާމިޔާބީ މިންވަރު ކުރެއްވުން އެދޭ ކަމަށާއި މިރޭ އޮތް އެ ރަސްމިއްޔާތުގައި ގޯލްޑަން ޖުބިލީގެ ތީމް ލަވަ ނެރުންވެސް އޮންނާނެއެވެ. މިލަވަ ނެރެދެއްވާނީ ރައީސް ސޯލިހުއެވެ.
މިރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާގެ ތަޖްރިބާ ކާރުންނާއި ރިސޯޓްތަކުގެ މެނޭޖަރުންވެސް ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

