ސިއްޙީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ޖަމާވިއިރު ބައެއް މީހުންނަށް އިތުރަށް ދެވުނު ފައިސާ އަދި އެއްކޮށް ނަގައި ނުނިމޭ ކަމަށާއި، އަމާޒަކީ މިހަފްތާ ތެރޭގައި އެފައިސާ އަނބުރާ ހޯދައި ނިންމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުގެ މުސާރައަށް އިތުރަށް ޖަމާވި ބައި ހޯދިފައި ނުވާކަމަށެވެ.
"އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދަނީ. އަޅުގަނޑުމެންގެ ޓާގެޓަކީ މި ހަފްތާގެ ނިޔަލަށް އިތުރަށް ޖަމާކުރެވުނު ހުރިހާ ފައިސާއެއް އަނބުރާ ނެގުން،" ފިނޭންސް މިނިސްޓްރީން ބުންޏެވ ެ.
އިތުރަށް ޖަމާވި ބައި އަނބުރާ ހޯދުމުގެ މަސައްކަތުގައި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.
ފިނޭންސުން މީގެ ކުރިން ބުނީ މައްސަލަ ދިމާވީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ މައްސަލަ ފާހަގަ ކުރެވުމާއެކު ފިނޭންސުން ވަނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ރާވާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

