ތިލަމާލެ ބްރިޖު މަޝްރޫއުގައި ބުރާސްފަތި ދުވަހު ސޮއިކުރަނީ

ތިލަމާލެ ބްރިޖު މަޝްރޫއުގައި ބުރާސްފަތި ދުވަހު ސޮއިކުރަނީ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ހަވާލު ކުރަން ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނުފެށި ދިގުލައިގެން ދިޔަ މަޝްރޫއެކެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ އިންޑިއާ އާއި އެހެން ބައެއް ސަރަހައްދުތަކުގެ ބްރިޖުތައް ވެސް ހަދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. ބްރިޖުތަކުގެ އިތުރުން ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ ވެސް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ. ހަމައެޔާއެކު ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ ވެސް މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރާ ގުޅީފަޅު ޕޯޓުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ކޮންމެހެން މުހިންމު ބްރިޖު އަދި ކޯޒްވޭއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މި މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެއެވެ. އަދި މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއަބައުޓްތައް ހިމެނޭނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކުރެވޭނެއެވެ.

މި މަޝްރޫއުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭނެއެވެ. އެގޮތުން މަގު ބައްތި، ނެވިގޭޝަން ލައިޓިން، ޑެކް ސެލްޓް ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ލައިޓިންގެ އިތުރުން އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެއެވެ. އަދި ލޭމްޕް ޕޯސްޓްތަކުގެ މަތީގައި އަދި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ވެސް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *