ދިވެހިރާއްޖޭގެ ސޮވެރިން ކްރެޓިޑް ރޭޓިން ދަށްވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
އަލީ ހާޝިމް މި ގޮތަށް ވިދާޅުވީ، ދިވެހިރާއްޖެ ރޭޓް ކޮށްފައިވާ މޫޑީސް އާއި ފިޗުން ގައުމުގެ ރޭޓިން ދަށްކޮށްފައި ވަނިކޮށް، އެމްއެމްއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ހާޝިމް ވިދާޅުވީ ރޭޓިން ދަށްވުމުން އިންސްޓިއުޝަނަލް އިންވެސްޓާސް ކޮންމެވެސް ވަރަށް ޖެހިލުން ވާނެ ކަމަށެވެ
އެގޮތުން ބައެއް އިންސްޓިއުޝަނަލް އިންވެސްޓާގެ ޕޯޓްފޯލިއޯ މެނޭޖުކުރާ ގޮތުން ޕޯޓްފޯލިއޯގެ ވަކި ގްރޭޑެއްގެ އިންވެސްޓާސް ނަގާ ކަމަށް ވަންޏާ އޭގެތެރޭގައި ރާއްޖެ ނުހިމެނޭނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވާފައިވެއެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ ޖެނެރަލް ރޭޓިން ދޭއިރު ގިނަ ފަަހަރު ހުރިހާ ކަމަށް ޕޮލިޓިކަލް ލޭންޑް ސްކޭޕް އަށް ވެސް ބަލާނެ ކަމަށެވެ.
ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖޭގެ ރޭޓިން ހަދާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ރާއްޖެ މިހާތަނަށް ރޭޓް ކޮށްފައި ވަނީ މޫޑީސް އާއި ފިޗުންނެވެ.
މޫޑީސް އިން އެންމެ ފަހުން މިދިޔަ އަހަރު ކުރި ރިވިއުގައި ރާއްޖެ އަށް ދީފައި ވަނީ “ބީ3″ގެ ރޭޓިން އެކެވެ. ނަމަވެސް މި ފަހަރު ރޭޓިން ކޮށްފައި ވާއިރު ރާއްޖެ ވަނީ “ސީއޭއޭ” އަށް ދަށް ކޮށްފަ އެވެ. މާނައަކީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ކުރުމުގައި ދަތިތައް ކުރިމަތި ވެދާނެ އެވެ.

