އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "ސަން" އަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ އިދިކޮޅު ކޯލަޝަނާ އަބަދުވެސް ގުޅެން ބޭނުންވާ ކަމަށާއި އަދި ގުޅިގެން މަސައްކަތްވެސް ކުރަން ބޭނުންވާ ކަމަށެވެ.
"ހަމަ މި ސަރުކާރަށް ތާއީދު ނުކުރާ އެންމެންނާ ގުޅެން ތައްޔާރު. މި ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރަން، ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން ބޭނުން އަޅުގަނޑު،" ޖާބިރު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީ އިހްތިޖާޖުވެސް ކުރައްވާފައެވެ. އޭގެ އިތުރުން ޖާބިރު ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުމުގެ އިތުރުން ރައީސް ސޯލިހު އިސްތިއުފާ ދެއްވަން ވެސް ގޮވާލައްވަމުންނެވެ.
އިހުތިޖާޖު ކުރެއްވީ މަޖިލީހަށް މަސައްކަތް ކުރަން ވަދެވަޑައިގަންނަވަން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

