އަންބާރާ، ޓޫރިސްޓް ރިސޯޓަކަށް ހެދުމާއި އެއަތޮޅު ރައްޔިތުން ދެކޮޅު: ވ.އަތޮޅޫ ކައުންސިލް

އަންބާރާ، ޓޫރިސްޓް ރިސޯޓަކަށް ހެދުމާއި އެއަތޮޅު ރައްޔިތުން ދެކޮޅު: ވ.އަތޮޅޫ ކައުންސިލް

ވ.އަންބާރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެއަތޮޅު ރައްޔިތުން ތާއިދު ނުކުރާ ކަމަށް ބުނެ އެއަ އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ސިޓީއެއް ފޮނުވައިފި އެވެ.
ކައުންސިލުން ފޮނުވި ސިޓީގައި ބުނީ ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ވ.އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަށް ކުއްޔަށް ނަންގަވައިފައިވާ "ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް" އަށް މިނިސްޓްރީން 17 ޖޫން 2021 ގައި ދެއްވާފައިވާ "ކޮންސެޕްޓް އެޕްރޫވަލް" އަށް ރަށް ތަރައްގީކުރައްވާ ފަރާތުން ތައްޔާރުކުރައްވާއިފައި "އީ.އައި.އޭ" ރިޕޯޓާއި ގުޅޭގޮތުން ވ.އަތޮޅު ކައުންސިލާއި މަޝްވަރާކުރުމަށް އެފަރާތުން އެދިލައްވާފައިވާ ކަމަށެވެ.

ވ.އަތޮޅު އަންބަރާއަކީ ރިސޯޓެއް ނުވަތަ ސިނާއީ އެފަދަ އެހެން މަސައްކަތެއް ކުރުމަށް ތަރައްގީ ކުރުމަށްވުރެއް ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށާއި ރަށުގެ ވަށައިގެންވާ ފަރަކީ ތަފާތު ގިނަ ދިރުންތަކެއްގެ މައްޗަށް އުފެދިފައިވާ ރީތި ފަރެއް ކަމަށެވެ. އަދި އެރަށަކީ ވ.އަތޮޅުގައި ލޯކަލް ފަތުރުވެރިކަން ކުރާ ފަރާތްތަކާއި ވ.އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް މުހިއްމު އަދި އަބަދުވެސް މަޝްހޫރުވެފައިވާ ރަށެއް ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.

"އެހެންވުމާއެކު އަންބަރާގައި އެރަށުގެ ގުދުރަތީ ރީތިކަން ގެއްލޭގޮތަށް، އަދި ތިމާވެށީގެ ގޮތުން ހުރި ހާއްސަ ސިފަތައް ގެއްލޭފަދަ ގޮތަކަށް އެރަށް ތަރައްގީކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ.އަތޮޅު ރައްޔިތުން ތާއީދުނުކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ފާހަގަކުރަން." ކައުންސިލުން ފޮނުވި ސިޓީގައި ބުނެއެވެ.

ހުށަހަޅުއްވާފައިވާ "އީ.އައި.އޭ" ރިޕޯޓާއި، ކޮންސެޕްޓް ޕްލޭން ފާސްވުމުގެ ކުރިންވެސް ވ.އަންބަރާ ބަލަހައްޓަމުން އައި ފަރާތްތަކުން އެ ރަށުގެ ތިމާވެށީގެ ހާއްސަ ސިފަތަކުގެ ތެރެއިން ރަށުގައިވާ ކަނޑޫފާ ސަރަހައްދަށް ވެލިއަޅައި އެސަރަހައްދު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާކަންވެސް ހިތާމަޔާއި ފާހަގަ ކުރާ ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެއެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމަވާފައިވާ ނިންމެވުމާއި މެދު އަލުން ވިސްނައި، އަންބަރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުން އެންމެ ރަނގަޅު ރަށެއް ނޫންގޮތުގައި ނިންމަވާދެއްވުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްދިނުމަށް ވ.އަތޮޅު ރައްޔިތުންގެ ފަރާތުން އެދޭވާހަކަ ދަންނަވާ ކަމަށް ސިޓީގައި ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *