ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 222އަށް އަރައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 9:00 އެހާކަށްހާއިރު ފުވައްމުލައް ސިޓީގައި ނިޔާވި މީހަކު އެސިޓީގެ ހޮސްޕިޓަލަށް ގެންގޮސް މިހާރު އޮންނަ އުސޫލުގެ ދަށުން އެމީހާ ކޯވިޑަށް ކުރި ޓެސްޓު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މިހުންގެ އަދަދުވަނީ 222އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.
ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ރާއްޖޭގައި ދަށްވެފައިވާއިރު ގިނަ ދުވަސްތަކަކަށްފަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދުވެސް ވަނީ 100އަށްވުރެ ދަށްވެފައެވެ. މިހާތަނަށް 70،000އަށް ވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު ބަލިން އަރައިގަތުމަށް ރާއްޖޭގައިވަނީ މިވަގުތު ވެކްސިންގެ ބޮޑު ކެމްޕޭނެއްވެސް ފަށާފައެވެ. މިއާއެކު ބަލީގައި ފުރާނައަށް ނުރައްކާވާ ހިސާބަށްދާ މީހުންގެ ޢަދަދު މަދުވެގެންދާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

