މިޝްކާގެ މަރުގެ ރިޕޯޓުގައި އެޗްއީއޯސީން ވަނީ އެޗްއީއޯސީ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެޗްޕީއޭގެ އޯބީ ސިސްޓަމަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކޯލް ސެންޓަރުން އިމަޖެންސީއެއްގައި އަމަލުކުރަން ޖެހޭ މިންވަރަށް އަވަސްކޮށްފައިނުވާ ނކަމަށާއި އެޗް.އީ.އޯސީގެ ކްލަސްޓަރ ތަކުގެ މެދުގައި ކޮމިއުނިކްޓްކުރުމުގައި އެކިއެކި ވަޞީލަތްތައް ބޭނުންކުރާތީ ގޮންޖެހުންތަކާއި ކުރިމަތިވާކަން އަދި ހުރިހާ މައުލޫމާތެއް އެކުލެވޭގޮތަށް އެއް ޕްލެޓްފޯމެއް ނެތުމުގެ ސަބަބުން އެޗްއީ.އޯ.ސީގައިކަން ހިނގާގޮތް މޮނިޓަރ ނުކުރެވުވޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ހެލްތް މިނިސްޓްރީން ނިންމާފައިވަނީ އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައިވާ ކަމަށެވެ.
އަދި އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، ކުއްޖާ ބަލާ ފޮނުވާނެ ކަމަށް ތަކުރާރުކޮށް ބުނިއިރު، އެންބިއުލޭންސް ޓްރިގާ ކޮށްފައިނުވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައް ކަމަށެވެ.
އަދި މި ރިވިއުއަށް ބަލައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިޝްކާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.

