އިމްތިހާނަކާ ނުލައި ލައިސެންސް ދޫކުރަން ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް މިނިސްޓްރީއަށް އިޚްތިޔާރު ލިބިދީފައިވާ ކަމަށެވެ.
އެގޮތުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ބޫޓާން އާއި އިންޑިޔާ އާއި ނޭޕާލް އާއި އަފްޣާނިސްތާން އާއި ޕާކިސްތާން އާއި ސްރީލަންކާ އާއި ބުރުނައީ އާއި ކެމްބޯޑިއާ އާއި އިންޑޮނީޝިއާ އާއި ލާއޯސް އާއި މެލޭޝިއާ އާއި މިޔަންމާ އާއި ފިލިޕީންސް އާއި ސިންގަޕޫރާއި ތައިލެންޑް ހިމެނެއެވެ.
އަދި ވިއެޓްނާމް އާއި ޖަޕާން އާއި ޔުނައިޓެޑް ކިންގްޑޮމް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ސްވިޓްޒާލެންޑް އާއި ސައުދީ އަރަބިޔާ އާއި ބެލްޖިއަމް އާއި ޖަރުމަނު ވެސް އެ ލިސްޓުގައި ހިމެނެއެވެ.

