މާލޭ ސިޓީގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވީ ވެހިކަލްތައް ނަގަން މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ފުލުހުންނާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ފެށި މި މަސައްކަތް ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ޚާއްސަ އޮޕަރޭޝަންގައި ފުރަތަމަ ބަލާނީ މިކަމަށް ކުރި ސަރވޭ ރިޕޯޓްތަކުން ދައްކާ އުޅަނދުތައްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން މި ސަރވޭކޮށްފައިވަނީ މިދިޔަމަހުގެ 22 އިން 27 އަށެވެ. މި ސަރވޭއިން ގަލޮޅުން 20 އުޅަނދު، މައްޗަންގޮޅިން 43 އުޅަނދު، ހެންވޭރުން 34 އުޅަނދު އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭކަމަށް ފާހަގަކުރެވިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މާލޭ ސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި، ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ފުލުހުންނާ ގުޅިގެން މިއަދުން ފެށިގެން ނަގަމުން ގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އެހެންކަމުން މަގުމަތީގައި މިގޮތަށް ބަހައްޓާފައި ހުރި އެއްގަމު އުޅަނދު ފަހަރު ނަންގަވައި މަގުމަތި ސާފުކުރެއްވުމަށް ސިޓީ ކައުންސިލުން ވަނީ އަންގަވާފައެވެ.
އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓި ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބަދަލުކުރައްވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން މާލެއާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ހަމަޖައްސާފައިވާކަންވެސް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
މި ޚިދުމަތައް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމް އިއްޒުއްދީންމަގު ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތިގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންގެ ރިސެޕްޝަން، އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން (އެޗް.ޑީ.ސީ ބިލްޑިންގ 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ފޯމް ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނާއި ހުޅުމާލޭ ސެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

