"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިން ފެށުމަށް ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ރައްޔިތަކު ވެސް ބަސް ބުނަންޖެހޭ ކަމަށެވެ.
މި ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށްވެސް އަރުވާފައެވެ.
މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
އެގޮތުން ސިޔާސީ ލީޑަރުންނަށް ވެރިކަން ވެސް ކުރެވޭނީ މިނިވަން ގައުމެއް އޮވެގެން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ހަރަކާތެއް ފެށުމަށް ހިޔާލު ދެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

