ޕީޕީއެމް ފަސާދަ ކުރުމުގެ ފުރުސަތެއް ނަޝީދަކަށް ނެތް: ޝުޖާއު

ޕީޕީއެމް ފަސާދަ ކުރުމުގެ ފުރުސަތެއް ނަޝީދަކަށް ނެތް: ޝުޖާއު

ޕީޕީއެމް ފަސާދަ ކުރުމުގެ ފުރުސަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ނެތް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ދާދިފަހުން ނަޝީދު ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާނަމަ ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ އަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ރޭ ޕީޕީއެމުން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަން އޮތީ ޕީޕީއެމް ތެރެ ފަސާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ދޭ ގޮތަކަށް ނޫން ކަމަށާއި ނަޝީދާއެކު ޕީޕީއެމް/ޕީއެންސީ އިން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

އަދި މި ސަރުކާރަށް ނަޝީދު ތާއީދު ނުކުރައްވާކަން ގަބޫލުކުރާނީ ރައްޔިތުންނާއި މީޑިއާގެ ކުރިމަތީގައި އެ ތާއީދު އަނބުރާ ގެންދިޔުމުން ކަމަށާއި ނަމަވެސް އެ ތާއީދު އަނބުރާ ގެންދިޔަ ނަމަވެސް ނަޝީދާއެކު ސިޔާސީ މަސައްކަތް އިދިކޮޅުން ނުކުރާނެ ކަމަށް ޝުޖާއު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު "ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ފަސްޖެހޭނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެ ބިލަށް އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަނުގައި ދެން ތިބި ހުރިހާ ޕާޓީތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވާ ނަފުރަތުގެ ބިލު ފާސްކުރުމަށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފައެވެ. އެގޮތަށް އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *