ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ "ކުއާޓަލީ ރިޕޯޓު" ގައި ބުނާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއޭ އޭގެ ކުރީ ކުއާޓާތަކުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.1 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ އެއްވެސް ކުއާޓާއެއްގައި ލިބުނު އާމްދަނީގެ ދެބިލިއަން އަރާފައެއް ނުވެއެވެ.
އަދި ހަރަދުތަކާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބުނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ.
މިކުއާޓަގައި އެސްޓީއޯއަށް ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިވެރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެ ކުންފުންޏަށް 1.446 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެކަމަކު މިއީ މިދިޔަ ކުއާޓާގައި ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީއާ އަޅާ ބަލާއިރު، ދަށް އަދަދެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަގައި ތެޔޮ ވިއްކައިގެން އާމްދަނީގެ ގޮތުގައި 1.448 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތެލުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް އެނޫން ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިވިޔަފާރިތަކުން އެސްޓީއޯއަށް 770 މިލިއަން ފުރިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓާއަށްވުރެ 63 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފުރަތަމަ ކުއާޓާގައި އެހެން ވިޔަފާރިތަކުން 706 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓާ ރިޕޯޓުން ފާހަގަވާ ގޮތުގައި ކުންފުނީގެ ދިގު މުއްދަތުގެ ދަރަނި (ނަން-ކަރަންޓް ލަޔަބިލިޓީސް) ވަނީ 50 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މަދުވެފައެވެ. އަދި ހުސްވި ކުއާޓާގައި ކުންފުނީގެ ޕޮޒިޓިވް ކޭޝް ފްލޯއަށް އެންމެ 15 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި ކުއާޓާގައި އެ އަދަދު ވަނީ 280 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ދެ ވަނަ ކުއާޓާގައި އެސްޓީއޯގެ މުވައްޒަފުންގެ އަދަދު ވަނީ ކުރީގެ ކުއާޓާ އަށް ވުރެ އިތުރުވެފައެވެ. އެގޮތުން، ދެ ވަނަ ކުއާޓާގައި 2،056 މީހުން ވަޒީފާ އަދާކުރި އިރު، ހުސްވި ކުއާޓާ ނިމުނު އިރު މަސައްކަތް ކުރީ 2،032 މީހުންނެވެ.

