ދިވެހިރާއްޖޭގައި ބޮޑުވަޒީރަކު ހުންނަންޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެޕްރޮގްރާމްގައި ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން ޖެހޭކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، ހަމަ އެފަދައިން ބަރުލަމާނީ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށްވެސް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ކުރިން ބަރުލަމާނީ ނިޒާމު މިގައުމަށް ރަނގަޅު ކަމުގައި ވިދާޅުވި ނަމަވެސް މިހާރު އެކަން އޮތީ އެގޮތަށް ނޫން ކަމަށާއި، ކުރިން އެމައްސަލައަށް ބަހުސް ކުރީ އާ ގާނޫނު އަސާސީ ހެދިއިރު، ރާއްޖޭގައި އޮންނަން ޖެހޭނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ވަނީ ރައްޔިތުން ވަރަށް ފުރިހަމައަށް ނިންމައިފައި ކަމަށާއި އެހެންކަމުން އެނިޒާމު ބަދަލުވެދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ރައްޔިތުން ވަރަށް ފުރިހަމަކޮށް ނިންމާފައިވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
"އެހެންވީމަ ރާއްޖޭގައި މިހާރު މިއޮތީ ރައްޔިތުން ނިންމިގޮތަށް. ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމުކަމަށް އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ މި ނިޒާމު ބަދަލުވެދާނެކަމަކަށް." ރައީސް މައުމޫން
ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެކަމަކު އެންމެ ބޮޑަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

