އެ ގަރާރު ހުށަހަޅުއްވާފައިވަނީ ރޭ ގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރު ދެން އަމަލުކުރަންވީ ގޮތްކަަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރުމަށެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައިވެސް ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ ގަރާރު ގައުމީ މަޖިލީހުން ފާސްކުރަން ހުރިހާ މެމްބަރުން ތާއީދުކުރިނަމަވެސް ބައެއް މެމްބަރުން ވަނީ މިވަގުތު ރާއްޖޭގެ ރައީސް އަކީ ރައީސް ސޯލިހް ކަމަށާއި އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއްކަމުން އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ރައީސް ސޯލިހަށްވެސް ބަސް ބުނުމުގެ ފުރުސަތު ދީ އެމަނިކުފާނަށްވެސް ގައުމީ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދޭންޖެހޭކަމަށް ގަބޫލުކުރައްވައި އެކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންކަމުން ރައީސް އަށް އެފުރުސަތު ދިނުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ޕާޓީގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވިއިރު ހުށަހެޅުމަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ތާއީދުކުރައްވާފައިވެއެވެ. އެހެންނަމަވެސް ރައީސް ނަޝީދުވެސް އަދި ޕާޓީގެ ޗެއާ ހަސަން ލަތީފް ވެސް ވިދާޅުވީ އެއީ ހުށަހެޅުއްވުމެއް ކަމަށް ބަލައި ނުގަނެވޭ ކަމަށެވެ. އެހެންކަމުން އަލުން އެކަން ހުށަހެޅުއްވުމެއް ގޮތައް ހުށަހެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އެޔަށްފަހު އެބައްދަލުވުމުގައި އެކަމާއި ބެހޭ ގޮތުން ބަހުސްތަކެއް ކުރެވުނު ނަމަވެސް ބައްދަލުުވުން ނިންމާލީ އެ ހުށަހެޅުމަށް ވޯޓަށް ނާހައެވެ.

