ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައިމިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުގައި ސިޔާސީ ލީޑަރުންގެ މެދުގައިވާ ކޯޅުން ނެތުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ
މެމްބަރު ޝަރީފް މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވަނީ އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ކޯޅުންގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅުވާނީ ސިޔާސީ ބައިބައިވުންތައް ނެތުމާއި ބާރުގެ ވާދަތަކާއި ކޯޅުންތައް ނެތުން ކަމަށެވެ.
ރާއްޖެއަށް ވެސް ކުރިމަތިވެފައިވަނީ ހަގީގީ ދަތި ދުވަސްވަރެއް ކަމަށާއި ބަލިމަޑުކަމުގެ ހާލަތު މެނޭޖް ކުރުމުގެ އިތުރުން، ރައްޔިތުންނަށް އާމްދަނީއަށް އަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ރައްޔިތުންނަށް ދަތިވެފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

