1.19 ބިލިއަން ރުފިޔާ ޖޫން މަހު މީރާއިން ބަލައިގަނެފި

1.19 ބިލިއަން ރުފިޔާ ޖޫން މަހު މީރާއިން ބަލައިގަނެފި

ހުސްވި ޖޫން މަހު މީރާއަށް 1.19 ބިލިއަން ރުފިޔާ ބަލައިގަންފިއެވެ.

މީރާއިން ބުނީ، މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވާ އާމްދަނީއަށްވުރެ 326.2 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އަދި މިއަހަރުގެ ޖޫންގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭގޮތުގައި، މިދިޔަ އަހަރުގެ ޖޫންމަހުގައި ލިބުނު އާމްދަނީ އާ އަޅާބަލައިލާއިރު، މިއަހަރުގެ ޖޫންމަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ޖޫންގައި މާލެ ފުރަބަންދުކޯށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބިގެންދިޔަ ހީނަރުކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖޫން ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖޫންގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، ޖޫން މަހުގެ ތެރޭގައި އައިސްފައިވާ ބައެއް ސުންގަޑިތައް ފަސްކުރެވެވިފައިވާކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖޫންގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 44.6 އިންސައްތަ ނުވަތަ 529.38 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 31.1އިންސައްތަ ނުވަތަ 369.53 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަންރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ ހިމެނޭކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

މިއަހަރުގެ ޖޫން ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 54.98 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *