ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން "ގެދޮރުވެރިޔާ ލޯނު ސްކީމް" އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ގެދޮރުވެރިޔާ ލޯން ސްކީމްގެ ދަށުން ހަތްލައްކަ ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ނިންމާފައިވަނީ ހަ ޕަސެންޓް އިންޓްރެސްޓާއިއެކީ ދިގުމުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކޭ ގޮތަށް ހަމަޖައްސާފައިވާއިރު، 5000 ރުފިޔާއާއި 6000 ރުފިޔާގެ ދޭތެރޭ އަދަދެއް ކޮންމެ މަހަކުވެސް ދެއްކޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަން ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 3 ކެޓަގަރީގެ ހައުސިން ތަރައްޤީކުރާއިރު މި މަސައްކަތުގެ ފަހުގެ ތަފްޞީލުތައް ވެސް މަބްރޫކު ދެއްވާފައިވެއެވެ. އެގޮތުން މިއަދު އެފަދަ ފުރަތަމަ ޕްރޮޖެކްޓުގެ ބިންގާ އަޅާފައިވާކަމަށާ އެއީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އެޕޯލޯ ކުންފުނިން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
ޖުމްލަ 9 ޓަވަރެއް އެޅުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ ގޮތުގައި ތަރައްޤީކުރާ 120 ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 60 ޔުނިޓާ 3 ކޮޓަރީގެ 60 ޔުނިޓެވެ. މީގެ ތެރޭން 2 ކޮޓަރީގެ ޔުނިޓްތައް ނިމޭއިރު އެތަންތަނުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5500 ރުފިޔާއެވެ. އަދި މި ކެޓަގަރީގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާއެވެ. މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ އެފޯޑަބުލް ހައުސިންގ ކެޓަގަރީ އަދި މިޑް ލެވެލްގެ ހައުސިންގ ޔުނިޓްތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، މާލެއަށް އެކަނި ބަރޯސާވެގެން ތިބުމުގެ ބަދަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ރާއްޖޭގެ އަތޮޅުތަކުގައި ވެސް ކުރިއަށްދާ ކަމެއްގެ ގޮތުގައި ބޭއްވުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ. މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށެވެ.
މަބުރޫކް ވިދާޅުވީ، އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް މިހާރު ހުށަހެޅޭނެ ކަމަށާއި ލޯނާއި ގުޅޭ މައުލޫމާތު ހޯދުމަށް ތިން ފޯނު ނަންބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ. އެއީ 3000132، 3000131 އަދި 3000117 ކަމަށެވެ.

