ކޮވިޑް-19 ގެ ހާލަތު ބަންގްލަދޭޝްގައި ގޯސްވުމާގުޅިގެން، މޯލްޑިވިއަނުން އެގައުމަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފިއެވެ.
އެގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ކޭސްތަކެއް ފެންނަމުންދާތީ، އެހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ރާއްޖެ އާއި ބަންދްލަދޭޝްއާ ދެމެދުގެ ވައިގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ ބަންގްލަދޭޝްގެ ސަރުކާރުންނެވެ.
މޯލްޑިވިއަނުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންގެންދާ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. މޯލްޑިވިއަނުން ބުނީ ހުކުރު ދުވަހު ޑާކާއިން މާލެއަށް ކުރަން ނިންމާފައިވާ ދަތުރު މާދަމާ މެންދުރުފަހު 2:25 އަށް އަވަސްކޮށްފައިވާ ކަމަށެވެ.
ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވެ، މިހާތަނަށް 802,000 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 12,000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި އެގައުމުން މަރުވެފައެވެ. މިދިޔަ މަހު އެކަނިވެސް އެގައުމުން ވަނީ 30،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

