ނައިބު ރައީސް ފަައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވް ކަން އެގުނީ މިއަދު ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށެވެ. އަދި ނައިބު ރައީސް މިހާރު ހުންނެވީ އައިސޮލޭޝަނުގައި ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވިއެވެ.
ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވިއިރު، އެމަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެ ޑޯޒު ވެސް ޖައްސަވާފައެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 24،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެތެރެއިން 285 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މި ބަލީގައި 148 މީހަކު ވަނީ ނިޔާވެއެވެ. އެގޮތުން މިއަދުވެސް މި ބަލީގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

