ސައްބީސް ހާހަށްވުރެ ގިނަ މީހުން މިއަދުވެސް ޕާރމިޓަށް އެދިފައިވޭ: ފުލުހުން

ސައްބީސް ހާހަށްވުރެ ގިނަ މީހުން މިއަދުވެސް ޕާރމިޓަށް އެދިފައިވޭ: ފުލުހުން

މާލެ ސަރަހައްދުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޒަރޫރީ ބޭނުންތަކަށްޓަކައި ބޭރަށް ނުކުންނަން އެދި މިއަދު  ސައްބީސް ހާހަށްވުރެ ގިނަ މީހުން ޕޮލިސް ޕާރމިޓަށް އެދިފައިވާކަން ފުލުހުން ހާމަކުރައްވައިފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގަ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ އެއްފަހަރާ ގިނަބަޔަކު ޕޮލިސް ޕަރމިޓް ހޯދުމަށް އެދުމާގުޅިގެން ސިސްޓަމްތަކަށް ލޯޑުބޮޑުވެ ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިކަމަށެވެ.

ނަމަވެސް އެމައްސަލަ ޙައްލުކޮށް ރޭގަނޑު 8 ޖެހުމާހަމައަށް 26،350 ހުއްދަ ޢާއްމުނަށް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ލިބިފައިވާ ރިކުއެސްޓްތަކުގެތެރެއިން 6،939 ފަރާތެއްގެ ހުއްދަ ޕްރޮސެސް ނުކުރެވި ހުރިކަމަށް ވިދާޅުވިއެވެ. އަދި ޢާއްމުންގެ ފަރާތުން ހުއްދަތައް ލިބުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް އުޅޭކަމުގެ ޝަކުވާލިބިފައިވާކަމަށާއި އެކަންވެސް ޙައްލުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޢާއްމު ބޭނުންތަކަށް ބޭރަށް ދިޔުން ފިޔަވައި އޮފީސްތަކަށްދިޔުމަށާއި ވިޔަފާރިތަކަށް ހުއްދައަށް އެދި ހުށައަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޝަނާޒް މުޙައްމަދު ވިދާޅުވީ މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް 2،300އަށްވުރެ ގިނަ ހުއްދަ ވިޔަފާރިތަކަށާއި އޮފީސްތަކަށް ދޫކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ 6،000އާ ގާތްކުރާ ޢަދަދެއްގެ ހުރިހާ ރިކުއެސްޓްތަކެއް މާދަމާ ހެނދުނާހަމައަށް މުޅިން ނިންމާލެވޭނެކަމަށް ޝަނާޒް ވިދާޅުވިއެވެ.

"އޮފީސްތަކުން ހުއްދަ އެދޭއިރު އެބަޖެހޭ ފޯމެއް ފުރަން. އޮފީސް ހުޅުވަންޖެހޭ ސަބަބައި މުވައްޒަފުންގެ މަޢުލޫމާތުވެސް ހިމަނައިގެން. ފުދޭވަރަކަށް ގިނަ ރިކުއެސްޓްތައް ދަނީ ލިބެމުން. މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް ހުއްދަތައް ދޫކުރަން." ޝަނާޒް ވިދާޅުވިއެވެ.

ގޭބިސީތަކުން އެކި ބޭނުންތަކަށް ކާފިއު ނޫން ގަޑިތަކުގައި ނުކުތުމަށް ކޮންމެ ގޭބިސީއަކަށް ދޫކުރަނީ 2 ފާހެވެ. ފިހާތަކަށް ސަޕޯޓް ސްޓާފުންގެ ގޮތުގައި 2 ފާހާއި ޑެލިވަރީ ކުރުމަށް 2 ފާސް އަންނަނީ ދޫކުރަމުންނެވެ. ކެފޭ ރެސްޓޯރެންޓުތަކަށް ސަޕޯޓް ސްޓާފުންގެ ގޮތުގައި 4 ފާސް ދޫކުރަމުން އަންނައިރު ޑެލިވަރީކުރުމަށް 2 ފާސް އަންނަނީ ދޫކުރަމުންނެވެ. މިއަށްވުރެ ގިނަ ފާސް ބޭނުންކަމުގައިވާނަމަ އެވިޔަފާރިއަކުން އިކޮނޮމިކް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް އެދެންޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. މިހާރު އޮތް އުސޫލުގެ ދަށުން ކާފިއު ނޫންގަޑިތަކުގައިވެސް މާލެއާއި ހުޅުމާލެއާދެމެދު ދަތުރު ނުކުރެއެވެ. އެހެންނަމަވެސް އޮފީސްތަކަށް އައުމަށާއި ވިޔަފާރުކުރުމަށް ވިލިމާލެއިން މާލެއަށް އާދެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *