ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން 1،299 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 59،644 އަށް އަރައިފި އެވެ.
މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 890 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.
އަދި 334 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 65 މީހަކު ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން މިރޭ ބުނެފައިވެއެވެ. އަދި މިއަދު ހެދީ 5،186 ކޮވިޑް ޓެސްޓެވެ.
މިހާތަނަށް ރާއްޖޭގައި 34،621 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 24،867 މީހުންނެވެ.
މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 285 މީހަކަށް ދަނީ ފަރުވާ ދެމުންދާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 147 މިހުން ނިޔާވެފައެވެ. އެއީ 131 ދިވެހިންނާއި 16 ބިދޭސީންނެވެ. މިއަދުގެ މިހާތަނަށް ވެސް މިބަލީގައި 3 މީހަކުވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 59،000 ވުރެ މައްޗަށް އަރާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކުރިން ހަވީރު 16:00އިން ފަތިހު 04:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު މާދަމާ އިން ފެށިގެން ހެނދުނު 08:00އާ ހަމައަށްވަނީ އިތުރުކޮށްފައެވެ.

