އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު، މާދަމާގެ ނިޔަލަށް އެމިނިސްޓްރީއަށް އަންގަން އެދެފިއެވެ.
ލޯނުތައް މިނިސްތްރީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިމިވަނީ ފްލައިން ސްކޫލާ ބެހޭގޮތުން ދަރިވަރުން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ކަންކަމާ ގުޅިގެންނެވެ. އެނިންމެވުންތަކުގެ ތެރޭގައި ސްކޫލުގެ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓް އަރަމުންދާތީ، އެލޯނުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ސޯލިހުގެ ނިންމެވުމަ ގުޅިގެން މިނިސްތްރީން، ބީއެމްއެލްއާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ލޯނުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ ގޮތުން އެދަރިވަރުންގެ ހުއްދައަށް އެދި މެއިލް ކޮށްފައިވާނެ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެކަމަކު 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް ނުނިމި، ތިން ހަތަރު އަހަރު ހޭދަވަމުން ދާތީ އެ ދަރިވަރުންގެ ލޯނުގެ ފައިސާ ހުސްވެ، އިތުރަށް ވެސް ލޯނު ނަގަން ޖެހޭ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.
ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެންދާތީ ރައީސް ސޯލިހު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން، ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ނިންމަވައިފަ އެވެ. އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެތަނުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާގެ ހުއްދަ ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ.
އަދި ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް ބާތިލްކުރާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ވެސް މިނިސްޓްރީން އެ ދުވަހު ދީފައިވެއެވެ.

