އިންޓަނެޓްގެ ހެޔޮ އަގު އިއުލާން ކުރުން ފަސްކޮށްފި

އިންޓަނެޓްގެ ހެޔޮ އަގު އިއުލާން ކުރުން ފަސްކޮށްފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިންޓަނެޓްގެ ހެޔޮ އަގު އިއުލާން ކުރުން ފަސްކޮށްފިއެވެ.

އިންޓަނެޓްގެ ހެޔޮ އަގު ކަނޑައަޅައި އެބަދަލުތައް އިއުލާން ކުރަން ޓެކްނޮލޮޖީ މިނިސްޓްރީއިން އެންމެ ފުރަތަމަ ނިންމާފައިވަނީ އިއްޔެއެވެ. އަދި އޭގެ ފަހުން އެއަގުތައް އިއުލާން ކުރުން ކުއްލި ގޮތަކަށް މިއަދަށް ބަދަލު ކުރިއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަގުތައް އިއުލާން ކުރުން މިހާރު މިވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އިންޓަނެޓުގެ އަގުތައް މިއަދު ހާމަކުރަން އުޅޭ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދޮގު ކުރައްވައެވެ.

މަބްރޫކް ވިދާޅުވީ އިންޓަނެޓުގެ އަގު މިއަދު ހެޔޮ ކުރާނެ ކަމަށް އިއުލާންކޮށްފައި ނުވާނެ ކަމަށެވެ. އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މަޝްވަރާ ކުރެވި އަގުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަމުގައި ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ދުވަހަކު އިއުލާން ކުރާނެ ކަމަކަށް ބުނެފައެއް ނުވާނެ،" މަބްރޫކް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. އެކަމަކު އެ ވައުދު ފުއްދުމަށް އެކި ފަހަރުމަތިން ތާރީހުތައް ދީފައިވާތީ ރައްޔިތުންގެ ނުރުހުން ވެސް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ސަރުކާރާއި އިންޓަނެޓުގެ ހިދުމަތްދޭ ފަރާތްތަކާ ދެމެދު ނިންމާފައި އޮތީ އެންމެ ބޮޑު ބަދަލަކަށް ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތުގެ އަގަށް ބަދަލު ގެނައުމަށެވެ. މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *