އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ރިސާޗް ސެންޓަރުތައް ގުޅުވާއިދޭ އެންކޭއެން އަކީ ހައި-ސްޕީޑް ނެޓްވޯކެކެވެ. މިނެޓްވޯކް ރާއްޖެއަށް ތައާރަފް ކުރަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ އެދުމުގެ މަތިނަ ކަމަށާއި، އިންޑިއާއިން ދެމިލިއަން ޑޮލަރުގެ ހިލޭ އެހީ މިނެޓްވޯކް ގާއިމް ކުރުމަށް ދިނުމަށް ނިންމާފައިވެއެވެ.
އެންކޭއެން ރާއްޖެއަށް ފުޅާކުރުމާ ގުޅޭ ކަރުދާހުގައިވާ ގޮތުން މިމަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރުމަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިމަޝްރޫއު ވިލަރެސް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ސެންޓަ އޮފް އިންފޮރމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އިންނެވެ.
ރާއްޖޭގެ އެންމެހާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް، އަދި ރިސާޗް އެންޑް އެޑިއުކޭޝަން މުއައްސަސާތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި-ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެތްވޯކް (އެންއާރއިއެން) ގާއިމް ކުރުމަށް މިމަޝްރޫއުގެ ދަށުން އެންކޭއެން އިން ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި މި މަޝްރޫއު ފުރިހަމަ ކުރެވުމުން ރާއްޖެ އަށް 11 ފައިދާއެއް ލިބޭނެއެވެ.
ކަރުދާހުގައިވާ ގޮތުން އެންއާރުއީއެން އިން އިންޑިއާގެ އެންކޭއެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. މި އެއްބާރުލުމާއި އެހީގެ ސަބަބުން ރާއްޖޭގައި އަމިއްލަ ގޮތުން ދެމެހެއްޓެނިވި ސިފައެއްގައި ހައި-ސްޕީޑް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކެއް ގާއިމު ކުރެވޭނެއެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކުން ކުރެވޭ ބައިނަލްއަގުވާމީ ދިރާސާތަކުގައި ހިއްސާވެ ކޮލެބޮރޭޓް ކުރުމަށް ބައިންލްއަގުވާމީ ޕްލެޓްފޯމެއް ލިބޭނެއެވެ.

