މާދަމާއަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށައި ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ހަނދު ސާބިތުކުރުމަށް މިރޭ އޮންލައިންކޮށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މެއި މަހުގެ 12 ވާ ބުދަ ދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހު ކަމުގައްޔާއި، މިހިނގާ މޭ މަހުގެ ބުރާސްފަތި ދުވަހަކީ 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" ހަނދު ސާބިތު ކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތު މިވަގުތު ގޯސްވެފައިވާތީ މިއަހަރުގެ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެހެން ކަމުން މާލޭގައި މިއަހަރުގެ އީދުނަމާދު ޖަމާއަތުގައި ނުކުރާނެއެވެ.

