ވޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަނުވޭ

ވޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަނުވޭ

މިއަދު ފެށިގެން ކުރިޔަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓް މޮނިޓާ ކުރިއިރު މިހާތަނަށް މާބޮޑު މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން މޯލްޑިވްސް އިން ބުނެފި އެވެ.

އެޗްއާރުސީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އައިމިނަތު ޝިފާއަތު އަބްދުއް ރައްޒާގު އަދި މޫމިނާ ވަހީދު ވަނީ އިންތިހާބާ ގުޅޭގޮތުން މިހާތަނަަށް ފާހަގަ ކުރެވުނު ކަންތައްތައް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އިއްޔެ އެއްވެސް ފަރާތަކުން ކެމްޕޭނަށް ހުރަސް އަޅާފައިނުވާ ކަމަށާއި އެހެންކަމުން އިންތިހާބު ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތް ކުރިކަމަށް ގަބޫލުކުރެވޭ ކަމަަށް މެމްބަރު މޫމިނާ ވިދާޅުވި އެވެ. ނަަމަވެސް އިއްޔެ ހަވީރު ހައެއްގެ ފަހުން ބައެއް ޕާޓީތަކުގެ މީހުންނާއި އަމިއްލަ މީހުން ސޯޝަލް މީޑިއާގައި ކެމްޕޭންތައް ކުރިއަށް ގެންދިޔަކަން މޫމިނާ ފާހަގަކުރެއްވި އެވެ.

ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި އަދި ކަރަންޓީނުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސީ ވަރަށް ފަހުން ކަމަށްވާތީ އަދި މިހާރުވެސް އެ އިންތިޒާމްތައް މުޅިން ހަމަނުޖެހޭތީ މޫމިނާ މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެއީ ވޯޓުލުމުގެ ހައްގަށް އަސަރުކުރާނެ ކަމަަކަށް ވާތީ އެ އިންތިޒާމް އަވަހަށް ހަމަޖައްސައިދިނުމުން އޭނާ އެދިވަޑައިގެންނެވި އެވެ.

ވޯޓުލުން މިއަދު ހެނދުނު ހަތެއް ޖެހިއިރު ވޯޓު ލާ ގިނަ މަރުކަޒުތައް ބޮޑަށް އޮތީ ފަޅަށެވެ. އަދި ހަ ފޮއްޓަކަަށް ވޯޓު ލާނެ މީހަކު ނެތިގެން ފުދޭވަރަކަށް ގިނަ ވަގުތު ވޯޓުލުން ނުފަށާވެސް އޮތެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ދެ ފޮއްޓަކާއި ހަތަރު ރިސޯޓެއްގެ ފޮށި ހިމެނެ އެވެ. އެކަން އެގޮތަށް ވުމުން އެޗްއާރުސީއެމް މެމްބަރު ޝިފާއަތު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ވޯޓުލާން އަވަހަށް ވަޑައިގަތުމަށް އޭނާ މިއަދު އެދިވަޑައިގެންނެވި އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *