ގުރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީ މޮޅު ވެއްޖެ އެވެ.
ޔޫވީން ދިވެހި ޕްރިމިއާ ލީގްގައި ކުރިން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލި ވެފަ އެވެ. ތިން މެޗުން އެއްވަރުވެ، އެ ޓީމު އޮތީ ފުލުގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ޖުމުލަ ހަ ޕޮއިންޓް ހޯދިނަމަވެސް އެ ޓީމަށް ވުރެ މަތީގައި އޮތް ކުލަބު އީގަލްސް އާ ދެމެދު ހަ ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. އީގަލްސް އަތުގައި ބާކީ ދެ މެޗު އެބައޮތެވެ.
މެޗުގެ 34 ވަނަ މިނެޓްގައި ޔޫވީން ނަތީޖާ ހަމަހަމަ ކުރި އެވެ. ގުރާންޑޭގެ ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުން އަނަޓޮލީ ވުލާސިޗޭވް ނަގައި ދިނުމުން އީސަ ވަނީ ގޯލްގެ ތެރެއަށް ބޮލުން ވައްދާލާފަ އެވެ. އޭގެ ހަތަރު މިނެޓް ފަހު އީސަ ތަނަވަސް ކޮށްދިން ފުރުސަތަކުން އަނޮޓޮލީ ލަނޑު ކާމިޔާބުކޮށް ނަތީޖާ ޔޫވީގެ ކޮޅަށް އަނބުރާލި އެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގުރާންޑޭގެ އަހްރޯރު އުމަރުޖަނޯވް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އެހެންނަމަވެސް ޔޫވީގެ ޑިފެންޑަރު އެ ބޯޅަ ދިފާއު ކުރި އެވެ.
ޔޫވީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އީސަ އެވެ. މިފަހަރުސް އޭނާއަށް ލަނޑު ޖަހަން ތަނަވަސް ކޮށްދިނީ އަނޮޓޮލީ އެވެ. މެޗުގައި އީސަ އާއި އަނަޓޮލީގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. ހަތަރު ވަނަ ލަނޑު އަނަޓޮލީ ކާމިޔާބު ކުރީ އީސަ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

