މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބަށް ކެމްޕެއިން ކުރުން ހަވީރު 6:00 ފެށިގެން މަނާ ވަގުތު ފެށިއްޖެއެވެ.
މި އިންތިހާބުގައި 3924 ކެންޑިޑޭޓުން ވާދަކުރާއިރު، އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273،182 މީހަކަށެވެ.
މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. އެގޮތުން އިންތިހާބުގައި ވޯޓުލުމަށް 700 އަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު، އޮފިޝަލުންގެ ގޮތުގައި 7000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ. މި އިންތިހާބުގައި ރާއްޖެ ފިޔަވައި ދެން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބެއްގައި ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6:00 އިން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.

